އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

ރައީސްގެ ބަސް

ކޮރަޕްޝަނަކީ މިއަދު ހަމައެކަނި ވަކި ގައުމަކަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫނެވެ. ކޮރަޕްޝަންގެ މައްސަލަ މިއަދު ވެފައިވަނީ ބައިނަލްއަޤްވާމީ މައްސަލައަކަށެވެ. އެހެންކަމުން އ.ދ.ގެ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ ޤަރާރަކީ، ބައިނަލްއަޤްވާމީ ފެންވަރުގައި، ގައުމުތައް ގުޅިގެން ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށްޓަކާ އެކުލަވާލެވިފައިވާ ފުރަތަމަ ޤަރާރެވެ. މިޤަރާރުގައި ކޮރަޕްޝަންގެ ނުރައްކާތެރިކަންވަނީ ވަރަށް ރަނގަޅަށް ބަޔާންކޮށް ދީފައެވެ.

ކޮރަޕްޝަންގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ބިރު ކުރިމަތިކުރުވައެވެ. ޑިމޮކްރަސީ ފުނޑުފުނޑުކޮށް، އަދުލު އިންސާފުގެ ދާއިރާ ބަލިކަށިކޮށްލައެވެ. އަދި ދެމެހެއްޓެނިވި ގޮތުގައި ތަރައްޤީގެ ކަންތައްތައް ކުރިއަށް ގެންދިއުމަށާއި، ޤާނޫނީ ހަމަތަކާއި އެއްގޮތަށް ކަންކަން ކުރުމަށް ކޮރަޕްޝަންގެ ސަބަބުން ހުރަސްއެޅެއެވެ.

ކޮރަޕްޝަންގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު ބައެއް ފަހަރަށް އަޅުގަނޑުމެންނަށް ހީވެފައި މިއޮންނަނީ އެއީ ހަމައެކަނި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުން ނުވަތަ ރިޝްވަތު ހިފުންކަމަށެވެ. ނަމަވެސް މިއީ އެއަށްވުރެ މާނުރައްކާތެރި މައްސަލައެކެވެ. ޓެރަރިޒަމާއި ބެހޭގޮތުން ކަންބޮޑުވުން ފާޅުކުރާ ބައިނަލްއަޤްވާމީ ފަރާތްތަކުން ހާމަކުރާގޮތުގައި ޓެރަރިޒަމާއި، މާރާމާރީއާއި، މަސްތުވާތަކެތީގެ މައްސަލައާއި، އެފަދަ އެހެން ޖަރީމާތަކަކީ ވަރަށް ސާފުކޮށް އެނގޭގޮތުގައި ކޮރަޕްޝަނާއި ގުޅުންހުރި ކަންތައްތަކެވެ. އެހެންކަމުން، ކޮރަޕްޝަންގެ ސަބަބުން ޤައުމީ ސަލާމަތާއި ބައިނަލްއަޤްވާމީ ސަލާމަތަށްވެސް ނުރައްކާ ވެދާނެއެވެ. އެގޮތުން ޓެރަރިސްޓް ހަމަލާއެއް ކުރިމަތިވުމަކީ އިގްތިޞާދީ ތަރައްޤީއަށް ކުރިމަތިވާ ނުރައްކަލަށްވުރެ އެތައް ސަތޭކަ ގުނައެއް ގެއްލުން ބޮޑު ކަމެކެވެ.

ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ފާހަގަކުރެވޭފަދަ ކުރިއެރުންތަކެއް އަޅުގަނޑުމެންނަށް ލިބިފައި ނުވާކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. އަދި އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވާކަމުގެ ވާހަކަތަކަކީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެކެވެ. ޑިމޮކްރަސީއަކަށް ވާޞިލްވާއިރު، ކޮރަޕްޝަންގެ ވަކިތަކުން ދުރުވުމަށް ބާރުއަޅާނެ އެކަށޭނަ ޤާނޫނުތަކާ ގަވާއިދުތައް ނެތުމަކީ ޤައުމަށް ނުތަނަވަސްކަން ގެނުވާ ކަމެކެވެ. އ.ދ. ގެ ޤަރާރުތަކުންނާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއިން އަޅުގަނޑުމެންނަށް ލާޒިމްކުރާ ކަންތައްތައް ކުރުމަށް އަޅުގަނޑުމެންގެ ކަންކަން ފަހިކުރުމަކީ ދިވެހި ކޮންމެ ފަރުދަކު މިކަމާއިމެދު ވިސްނަންވެއްޖެ ކަމެކެވެ.

ދިވެހިރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށްޓަކައި އަޅުގަނޑުމެން އެންމެން މަސައްކަތްކުރަމުންދާއިރު، އަބަދުވެސް އަޅުގަނޑުމެން މަސައްކަތްކުރަމުން ދާންވާނީ، ކޮންމެ ކަމެއްގައިވެސް އެކަމަށް ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، ތިމާގެ އަމިއްލަ ފައިދާއަށްވުރެން ރައްޔިތުންގެ ފައިދާއާއި ޖަމާއަތުގެ މަސްލަހަތައް އިސްކަންދީގެންނެވެ. އަދި ކޮންމެ ކަމެއްގައިވެސް އެހެން ބައެއްގެ ޚައްޤުތަކެއް ވާކަން ދެނެތިބެ އެފަރާތްތަކުގެ ޙައްގުތަކަށް ރައްކާތެރިވެ ތިބެގެންނެވެ. މިގޮތުގެ މަތިން އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނަމަ، ދިވެހިރާއްޖެއިން ކޮރަޕްޝަންގެ ނުބައި ޢަމަލުތައް ނެތިގެންދާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ.

އަޅުގަނޑުމެން އެންމެންވެސް ހަނދާންބަހައްޓަންޖެހޭ އެންމެ މުހިންމު ނުކުތާއަކީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމަކީ ހަމައެކަނި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އެކަނި އަދާކުރެވޭނެ މަސްއޫލިއްޔަތެއް ނޫންކަމެވެ. އެންމެ އެދެވޭގޮތުގައި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރެވޭނީ އެންމެން އެކުގައި ގުޅިގެން މަސައްކަތްތަކެއް ކުރެވިގެންނެވެ. އަޅުގަނޑުމެން ޅަދަރިންނާއި ޒުވާނުންގެ ކިބާގައި އަމިއްލަ ނަފްސަށް ތެދުވެރިވުމުގެ މަތިވެރި ސިފަ އަށަގެންނެވިގެންނެވެ. އަމާނާތްތެރިވުމާއި، އަމާނާތް އަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބުމަށް ޒުވާން ޖީލަށް ދަސްކޮށްދެވިގެންނެވެ. ހެއްލުމުގައިހުރި ގެއްލުން ކިޔައިދެވިގެންނެވެ. އަދި އިސްލާމީ ރިވެތި ނަމޫނާ ދައްކައިދީގެންނެވެ. އެހެންކަމުން، އަޅުގަނޑުމެން އެންމެންވެސް، ސަރުކާރާއި، އަމއްލަ ޖަމްއިއްޔާ ޖަމާއަތްތަކާއި، މީޑިއާ އަދި އަމިއްލަ ފަރުދުންވެސް ބައިވެރިވެގެން ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްތަކެއް ކުރުމަށް އިލްތިމާސް ކުރަމެވެ.

ދިވެހިރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި އަޅުގަނޑު ޝުކުރުދަންނަވަމެވެ. އަދި މިއެހީ ތެރިކަމާއި އެއްބާރުލުން އަބަދުވެސް އަޅުގަނޑުމެންނަށް ލިބެމުންދާނެކަމުގައި އަޅުގަނޑު ޔަގީންކުރަމެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×