އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

ތަޢާރުފް

ކޮމިޝަން އުފެއްދުން:

އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ، 07 އޯގަސްޓް 2008 ގައި ތަޞްދީޤުކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 199 ވަނަ މާއްދާގެ (ހ) ގެ ދަށުން، 2008 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2008 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފަންސާސްހަވަނަ ޖަލްސާއިން ފާސްކުރެވި، “އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ބިލް” ޤާނޫނުއަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެމަތީން 24 ސެޕްޓެންބަރު 2008 (24 ރަމަޟާން 1429ހ.) ވީ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން، 16 އޮކްޓޫބަރު 2008 ގައި އުފެދިފައިވާ މުއައްސަސާއެކެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން ހިންގަމުންގެންދަނީ 24 ސެޕްޓެންބަރު 2008 ގައި ތަޞްދީޤުކުރެވުނު ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގައިވާ ގޮތުގެމަތީންނެވެ.

ޤާނޫނީ ޙައިޘިއްޔަތު:

އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ޤާނޫނީ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ޙައިޘިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ ޤާނޫނީ މިނިވަން ޝަޚްޞެކެވެ.

ކޮމިޝަނުގެ މެމްބަރުން ޢައްޔަންކުރުން:

މިކޮމިޝަން އެކުލެވިގެންވަނީ 5 (ފަހެއް) މެމްބަރުންގެ މައްޗަށެވެ. ކޮމިޝަނުގެ މެމްބަރުން ޢައްޔަންކުރާނީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގައިވާ ގޮތުގެމަތީން ރައީސުލްޖުމްހޫރިއްޔާއެވެ. ކޮމިޝަނަށް ޢައްޔަންކުރެވޭ މެމްބަރެއްގެ މަޤާމުގެ މުއްދަތަކީ އެ މެމްބަރަކު ޢައްޔަންކުރެވޭ ތާރީޚުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ 1 (އެކެއް) ދައުރެވެ. ނަމަވެސް، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މެމްބަރަކު ފިޔަވައި، އެހެން ކޮންމެ މެމްބަރެއްގެ މެމްބަރުކަމުގެ މުއްދަތު އިތުރު 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިދާނެއެވެ.

މުސާރައާއި ޢިނާޔަތް ކަނޑައެޅުމާއި އިދާރީ ހިންގުން:

ކޮމިޝަނުގެ ރައީސާއި ނާއިބުރައީސާއި މެމްބަރުންނަށް ދެވޭ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންކަމަށް ވާއިރު، ކޮމިޝަނުގެ މުވައްޒަފުންނަށް ދެވޭ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޝްވަރާއާއެކު ކޮމިޝަނުންނެވެ. ކޮމިޝަނުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން ކޮމިޝަނުގެ އިދާރާ ހިންގާނީ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްއެވެ. އަދި ކޮމިޝަނަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދީ، މުވައްޒަފުން ވަޒީފާއިން ވަކިކުރާނީ ކޮމިޝަނުންނެވެ.

ދިވެހި މުޖުތަމަޢަކީ ކޮރަޕްޝަންގެ ނުބައި ޢަމަލުތަކުން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ހެދުމުގެ ތަޞައްވުރުގައި މަސައްކަތްކުރާ މިކޮމިޝަންގެ މައިގަނޑު މަސައްކަތްތަކަކީ ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅުއަޅައި އެކަމުގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކުގެ ޙައްޤުތައް ހޯދައިދިނުމަށްޓަކައި އިންޞާފުވެރި މާހައުލެއް ބިނާކޮށް ހަރުދަނާ ކުރުމާއި، ސަރުކާރުގެ ތަންތަނުގެ މުވައްޒަފުންނާއި ސަރުކާރުން ހިންގާ ކުންފުނިތަކުގެ މުވައްޒަފުންނާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ މުވައްޒަފުންނަކީ ޤާނޫނުތަކާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތާ އަމާނާތްތެރި ބަޔަކު ކަމުގައި ހެދުމެވެ.

ކޮމިޝަނުގެ މަސްއޫލިއްޔަތު:

ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގައި ބުނާގޮތުން ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
1. ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ތަޙުޤީޤުކުރުން. މީގެތެރޭގައި، ކޮރަޕްޝަނުގެ ޢަމަލެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެނަމަ، ނުވަތަ އެފަދަ ކަމެއްގެ މައްޗަށް ޝައްކުކުރެވިއްޖެނަމަ، އެކަމެއް ބަލައި ތަޙުޤީޤުކުރުން؛
2. ކޮމިޝަނުން ތަޙުޤީޤުކުރާ ކަންތައްތަކުގެ ތެރެއިން އެހެނިހެން އިދާރާތަކުން އިތުރަށް ބަލައި ސާފުކުރަންޖެހޭ ކަންތައްތައް އެ ފަރާތްތަކަށް ހުށަހަޅައި، ޝަރީޢަތަށް ހުށަހަޅަންޖެހޭކަމަށް ފެންނަ ކަންތައްތައް ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުން؛
3. ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ދިރާސާތައްކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ލަފާ ކަމާބެހޭ އިދާރާތަކަށް ދިނުން؛
4. ކޮރަޕްޝަންގެ ގެއްލުމާއި ނުބައިކަމުގެ މައްޗަށް ޢާންމުން ހޭލުންތެރިކުރުވައި، ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ކުރިއެރުވުން؛
5. ސެމިނާރާއި، މަސައްކަތު ބައްދަލުވުމާއި، އެހެނިހެން ޕްރޮގްރާމްތައް ހިންގައިގެން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ގުޅޭގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކުރުވައި، އެކަމާބެހޭ އެކިއެކި ދިރާސާތައްކޮށް، އެ ދިރާސާތައް ހާމަކޮށް ޝާއިޢުކުރުން؛
6. ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ގުޅޭގޮތުން ޢާންމުކޮށް ހާމަކުރަންޖެހޭ ކަންކަން ހާމަކުރުމާއި، ކަމާ ގުޅޭގޮތުން ޝާއިޢުކުރަންޖެހޭ ބަޔާންތައް ޝާއިޢުކުރުން؛
7. ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އެ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުފަހިވާނެ އެންމެހައި ކަންކަން ކުރުން؛
8. ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައިވާ ކަންކަން ހިންގައި ބަލަހައްޓައި، އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން.

ޤަބޫލުކުރާ ހަމަތައް:

• ނަޒާހަތްތެރިކަން: ހުރިހާ ޙާލަތެއްގައިވެސް ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއި، އަމާނާތްތެރިކަންމަތީ ދެމިތިބުން
• ހާމަކުރުން: ޚިދުމަތް ފޯރުކޮށްދިނުމުގައި ދެފުށް ފެންނާނެހެން މަސައްކަތްކުރުން
• ޖަވާބުދާރީވުން: ކުރާ ކޮންމެ ކަމެއްގައިވެސް ޒިންމާދާރުކަމާއެކީ ރައްޔިތުންނަށް ޖަވާބުދާރީވުން
• ހަމަހަމަކަން: ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކީ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ޤާނޫނު ތަންފީޒުކުރުން

ލަނޑުދަނޑިތައް:

• ކޮމިޝަނުގެ އިދާރީ ހިންގުން ހަރުދަނާކޮށް ތަރައްޤީކުރުން
• އިންސާނީ ވަޞީލަތް ތަރައްޤީކޮށް ދެމެހެއްޓުން
• ޒަމާނީ ޓެކްނޮލޮޖީއާއި އެހެނިހެން ވަޞީލަތްތައް ޤާއިމްކުރުން
• ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުން
• ކޮރަޕްޝަން ޕްރިވެންޝަން ނިޒާމެއް ޤާއިމްކޮށް ހަރުދަނާކުރުން
• ނަޒާހަތްތެރި އަދި ހޭލުންތެރި މުޖުތަމަޢުއެއް ބިނާކުރުން
• ތަޙުޤީޤާ ގުޅުންހުރި މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކޮށް ނަތީޖާ ޙާޞިލްކުރުން
• ބައިނަލްއަޤުވާމީ ފަރާތްތަކާ ގުޅިގެން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުން

ކޮމިޝަނުގެ އިދާރާ:

އެންޓި-ކޮރަޕްޝަން ކޮމިޝަން މިހާރު ހިނގަމުން އަންނަނީ އަމީރު އަޙްމަދު މަގުގައި ހުންނަ ހުރަވީ ބިލްޑިންގ ގެ 2 ވަނަ ފަންގިފިލާ އަދި 3 ވަނަ ފަންގިފިލާގައެވެ. ކޮމިޝަނުގެ ކައުންޓަރ ހުންނާނީ ހުރަވީ ބިލްޑިންގ ގެ 2 ވަނަ ފަންގިފިލާގައެވެ.

ކޮމިޝަންގެ އޮފީހެއް ދެކުނުގެ ހަތަރު އަތޮޅު ކަމުގައިވާ ގއ، ގދ، ޏ އަދި އައްޑޫ ސިޓީއަށް އަމާޒުކޮށްގެން އައްޑޫ ސިޓީގައި ވަނީ ޤާއިމްކުރެވިފައެވެ. އެ އޮފީސް ހިނގަމުންދަނީ “އެންޓި-ކޮރަޕްޝަން ކޮމިޝަން ދެކުނު ސަރަޙައްދީ އޮފީސް” ގެ ނަމުގައި އައްޑޫ ސިޓީ ހިތަދޫ އިސްމާޢީލް ކަލޭފާނު ތުއްތު ބިލްޑިންގ ގައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×