ބައިނަލް އަޤްވާމީ މުޢާހަދާތައް

ޔުނައިޓެޑް ނޭޝަނސް ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަން

މި މުޢާހަދާގެ މަޤްސަދަކީ ކޮރަޕްޝަން ހުއްޓުވުމަށް ހަރުދަނާ ޤައުމީ އަދި ބައިނަލްއަޤްވާމީ ޤާނޫނީ އޮނިގަނޑެއް ޤާއިމްކުރުމެވެ. މި އޮނިގަނޑުގެ ދަށުން މެމްބަރު ޤައުމުތަކުން ކުރުން ލާޒިމް ކަންތައްތަކުގެ ތެރޭގައި މި މުޢަހަދާގައި ބައިވެރިވާ ޤައުމުތަކުގެ މެދުގައި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުގައި ބައިވެރިވުމާއި، އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްދިނުމާއި، ހިންގުމުގެ ދާއިރާ ހަރުދަނާކުރުމާއި ކުރިއެރުވުން ހިމެނެއެވެ. މިމުޢާހަދާއަށް އަމަލީ ސިފަ އައިސްފައިވަނީ 14 ޑިސެމްބަރ 2005 ގައެވެ. 22 މާޗް 2007 ގައި ދިވެހިރާއްޖެއިން ވަނީ މިމުޢާހަދާގައި ބައިވެރިވެފައެވެ.

ކޮރަޕްޝަނާ ދެކޮޅު މުޢަހަދާތަކަކީ ކޮރަޕްޝަންގެ ޢަމަލުތައް ކުށްވެރިކޮށް، އަދަބު ކަނޑައެޅުމާއި، މިފަދަ ކުށްކުރާ ފަރާތްތައް ހޯދާ މައްސަލަތައް ތަޙްޤީޤް ކުރުމާއި އަދި ކޮރަޕްޝަން ނައްތާލައި މިކަމުން މުޖުތަމަޢު ރައްކާތެރިކުރުމަށްޓަކައި ޢަމަލުކުރުން ކަނޑައަލާފައިވާ ހަމަތަކާއި އުޞޫލުތަކާއި އަދި މިލަނޑުދަނޑިތައް ޙާޞިލްކުރުމަށްޓަކައި ބޭނުންވާނެ އެހެނިހެން ކަންތައްތައް ކަނޑައަޅައި، މިމުޢާހަދާތަކާއި އެއްގޮތަށް އަމަލުކުރުން ލާޒިމްކުރުވާ، ދޭދޭ ޤައުމުތަކުގެ މެދުގައި ވެވޭ އެއްބަސްވުމެކެވެ.

ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަން ނުވަތަ ޔޫ.އެން.ސީ.އޭ.ސީ (UNCAC) އަކީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި މިހާތަނަށް އުފައްދާފައިވާ މުޢާހަދާތަކުގެ ތެރެއިން އެންމެ ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ މުޢާހަދާއެވެ. 8 ބާބު އަދި 71 މާއްދާގެ މައްޗަށް އެކުލެވިގެންވާ މިމުޢާހަދާއިން އެޤައުމެއްގެ ޤާނޫނުތަކާއި، މަރުކަޒުތަކާއި އަދި މަސައްކަތްތަކާއި ޙަރަކާއްތަކާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ކޮރަޕްޝަނާދެކޮޅު ފިޔަވަޅުތައް އަޅައި އެކަންތައްތައް ތަންފީޒުކުރުމަށް މިމުޢާހަދާގެ ބައިވެރިންނަށް ލާޒިމްކުރުވައެވެ.  މިފަދަ ފިޔަވަޅުތައް އެޅުމުގެ މަޤްޞަދަކީ ކޮރަޕްޝަނުން ރައްކާތެރިވުމާއި، ކޮރަޕްޝަންގެ ޢަމަލުތައް ދެނެގަނެ ހޯދުމާއި، އަދަބު ދިނުމާއި، މިމަސައްކަތުގައި މިމުޢާހަދާގެ ބައިވެރިންގެ މެދުގައި އެއްބާރުލުން އުފެއްދުމެވެ. މިގޮތުން އެއްބާރުލުން ފޯރުކޮށްދެވޭ ދާއިރާތަކުގެ ތެރޭގައި ޓެކްނިކަލް އެހީތެރިކަމާއި އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި، ތަމްރީނާއި ދިރާސާކުރުން ހިމެނެއެވެ.

މި މުޢާޙަދާގައި ކޮރަޕްޝަނާގުޅޭ މައިގަނޑު 5 ދާއިރާއަކާމެދު ޚާއްޞަ ސަމާލުކަމެއްދީފައިވެއެވެ. އެއީ ޕްރިވެންޝަން (ރައްކާތެރިވުން)، ކްރިމިނަލައިޒޭޝަން (ކުށް ކަނޑައަޅައި އުޤޫބާތްދިނުން)، އިންޓަނޭޝަނަލް ކޯޕަރޭޝަން (ބައިނަލްއަޤްވާމީ އެއްބާރުލުން)، އެސެޓް ރިކަވަރީ (މުދާ އަނބުރާ ހޯދުން) އަދި ޓެކްނިކަލް އެސިސްޓެންސް ނުވަތަ ޓެކްނިކަލް އެހީތެރިކަމެވެ. ކޮރަޕްޝަނާ ދެކޮޅު ސިޔާސަތުތައް ރޭވުމާއި މިކަންތައްތައް ތަންފީޒުކުރުމަށްޓަކައި މިކަމަށް ޚައްޞަ މަރުކަޒެއް ނުވަތަ މަރުކަޒުތަކެއް ޢައްޔަން ކުރުމަކީ މުމުޢާހަދާގެ ބައިވެރިންގެ މައްޗަށް ލާޒިމްކުރާކަމެކެވެ.

ޕްރިވެންޝަން

ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރގައި ތަންފީޒުކުރާނެ ‘ޕްރިވެންޓިވް މެޝާރޒް’ ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރާވާ ހިންގުމަކީ މިމުޢާހަދާ ލާޒިމްކުރާކަމެކެވެ. މިގޮތުން ރޭވޭ ކަންތައްތަކުގައު މުޖުތަމަޢުގެ އެއްބާރުލުމާއި ބައިވެރިވުން ހޯދުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް މިމުޢާހަދާ ބާރުއަޅައެވެ. ހަމަމިއާއެކު އެތަނެއްގެ ޤާނޫނުތަކާއި ގަވައިދުތަކާއި އަދި އިދާރީ ގޮތުން އަޅާ ފިޔަވަޅުތައް އެކުލަވާލެވިފައިވަނީ ކޮރަޕްޝަނުން މުޖުތަމަޢު ރައްކާތެރިކޮށް އެކަމާ ދެކޮޅަށް ހަރަކާތްތެރިވެވޭފަދަ ގޮތަކަށްތޯ ބަލައި ރިވިއު ކުރުން ހިމެނެއެވެ. އަދި ހަމައެއާއެކު ކޮރަޕްޝަނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކާއި ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ އަދި ރީޖަނަލް ފެންވަރުގައި އެއްބަޔަކު އަނެއްބަޔަކށް އެހީތެރިވެ އެއްބާރުލުމަށް ގޮވާލާފައިވެއެވެ. މިގޮތުން ކިމަށް ޚާއްޞަ ތަފާތު ބައިނަލްއަޤްވާމީ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތަކުގައި ބައިވެރިވުން ހިމެނެއެވެ. މިކަންތައްތައް ރާވާ ހިންގުމުގެ ގޮތުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ މަރުކަޒެއް ނުވަތަ މަރުކަޒުތަކެއް އެކުލަވާލައި އެހެން ފަރާތެއްގެ ނުފޫޒެއްނެތި ހަރުދަނާގޮތުގައި މަސައްކަތްކުރުމަށް އެފަދަ އިދާރާއަކަށް ބޭނުންވާ މިނިވަންކަން އެއިދާރާއަކަށް ފޯރުކޮށްދިނުމަށް މިމުޢާހަދާ ބާރުއަޅައެވެ.

މަތީގައި ބަޔާންވެދިޔަ ކަންތައްތަކުގެ އިތުރުންވެސް ޕްރިވެންޝަނާއި ބެހޭގޮތުން  އެކުލަވާލެވިފައިވާ މާއްދާތައް ޚާއްސަކުރެވިފައިވާ ދާއިރާތަކުގެ ތެރޭގައި ޕަބްލިކް ސެކްޓާރ، ޕަބްލިކް އޮފިޝަލުންގެ ކޯޑް އޮފް ކޮންޑަކްޓް، ބަޕްލިކް ޕްރޮކިއޯމަންޓް އަދި ފައިނޭންސް ބެލެހެއްޓުން، ޕަބްލިކް ރިޕޯޓިން، ޝަރުޢީ ދާއިރާ، ޕްރައިވެޓް ސެކްޓަރ، މުޖުތަމަޢުގެ އެއްބާރުލުމާއި ބައިވެރިވުން އަދި މަނީ ލޯންޑްރިންގ (ކުށްކޮށްގެން ހޯދާ މުދާ ނުވަތަ ފައިސާއަކީ ހުއްދަ ގޮތްގޮތުން ހޯދާފައިވާ މުދަލާއި ފައިސާކަމުގައި ހެދުން) ހުއްޓުވުމާއި އެކަމާ ދެކޮޅަށް މަސައްކަތްކުރުން ހިމެނެއެވެ.

ކްރިމިނަލައިޒޭޝަން/ ކުށް ކަނޑައެޅުން

މިބާބު ޚާއްސަ ކުރެވިފައިވަނީ ވަކިކަހަލަ ކަންތައްތަކަކީ ކުށްކަމަށް ކަނޑައަޅައި އަދަބު ދިނުމުގެ ގޮތުން ބޭނުންވާނެ ޤާނޫނީ އަދި އެހެނިގެން ފިޔަވަޅުތައް އެކަށައަޅައި ތަންފީޒުކުރުމަށެވެ. މިގޮތުން ފާހަގަކޮށްފައިވާ ކުށްތަކުގެ ތެރޭގައި ޕަބްލިކް އޮފިޝަލުން ތެރޭގައި ރިޝްވަތު، ބޭރުގެ އަދި ބައިނަލްއަޤްވާމީ އޯގަނައިޒޭޝަންތަކުގެ ޕަބްލިކް އޮފިޝަލުންގެ ތެރޭގައި ރިޝްވަތު، އެމްބެޒްލްމެންޓް (އޮޅުވާލުމާއި މަކަރާ ހީލަތުން އެހެން މީހެއްގެ މުދާ ބޭނުންކުރުން)، މިސްއެޕްރޮޕްރިއޭޝަން ( ތިމާގެ ޤާނޫނީ އެއްވެސް ޙައްޤެއް ނުވާ މުދާ އެކަން އެނގި ހުރެ އޮޅުވާލުމާއި މަކަރާއި ހީލަތުން ތިމާގެ އެއްޗެއް ކަމުގައި ހެދުން)، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ހޯދުމާއި ހޯދައިދިނުން، ޕަބްލިކް އޮފިޝަލެއްގެ ތަނަވަސްކަމާމެދު ޝައްކު އުފެދުން، ޕްރައިވެޓް ސެކްޓަރގައި ރިޝްވަތު، ޕްރައިވެޓް ސެކްޓަރގައި އެމްބެޒްލްމެންޓް، މަނީ ލޯންޑްރިންގ (ކުށްކޮށްގެން ހޯދާ މުދާ ނުވަތަ ފައިސާއަކީ ހުއްދަ ގޮތްގޮތުން ހޯދާފައިވާ މުދަލާއި ފައިސާކަމުގައި ހެދުން)، ކުށުގައި ބައިވެރިނުވި ނަމަވެސް މުދާ ހޯދާފައިވަނީ ކުށްކޮށްގެންކަން އެނގިހުރެވެސް ފޮރުވަން މަސައްކަތްކުރުން، އިންސާފުގެ މަގަށް ހުރަސްއެޅުން، ކުށުގައި ބައިވެރިވުމާއި ބައިވެރިވާން މަސައްކަތްކުރުން، ދަޢުވާކުރުމާއި، ޝަރީޢަތްކުރުމާއި އަދަބު ދިނުން، ހެކިންނާއި، ޚަބީރުންނާއި އަދި ގެންލުންލިބިފައިވާ ފަރާތްތައް ރައްކާތެރިކުރުން، މަޢުލޫމާތުދޭ ފަރާތްތައް ރައްކާތެރިކުރުން، ކޮރަޕްޝަންގެ ނަތީޖާ، ގެއްލުމުގެ ބަދަލު ނަގައިދިނުން، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް ޚައްސަ ކުރެވިފައިވާ ފަރާތްތައް، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް ޚާއްޞަ ކުރެވިފައިވާ މިނިވަން ފަރާތްތައް، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ މެދުގައި އެއްބާރުލުން އުފެއްދުން، މިކޮންވެންޝަނާއި ގުޅިގެން ކުށްކުރާ ފަރާތްތަކާއި ބެހޭ ކްރިމިނަލް ރިކޯޑް ބެލެހެއްޓުން ހިމެނެއެވެ.

އިންޓަނޭޝަނަލް ކޯޕަރޭޝަން (ބައިނަލްއަޤްވާމީ އެހީތެރިކަމާ އެއްބާރުލުން)

ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ( ރައްކާތެރިކަމުގެ ގޮތުން ކުރެވޭ މަސައްކަތްތައް، ތަޙުޤީޤް، މައްސަލަތައް ޝަރީޢަތަށަ ހުށަހެޅުން، މުދާ ހިފެހެއްޓުމާއި މުދާ އަނބުރާ ހޯދުން) ބައިނަލްއަޤްވާމީ އެއްބާރުލުން ހޯދާ ލިބިގަތުމަށް މިމުޢާހަދާ ބާރުއަޅައެވެ. ޚައްޞަގޮތެއްގައި އެކްސްޓްރެޑިޝަން (މުޢާހަދާގައި ބަޔާންކޮށްފައިވާ ކުށަކާ ގުޅޭގޮތުން މެމްބަރު ޤައުމަކުން ދަޢުވާ އުފުލުން) މިގޮތުން މިމުޢާހަދާގެ ދަށުން އެކްސްޓްރެޑިޝަނަށް ހުށަހެޅިފައިވާ މައްސަލައަކީ ނުވަތަ ކުށަކީ މިމުޢާހަދާއިން ކުށްވެރިކުރާ ކަމަކަށް ވާން ޖެހެއެވެ. އަދި މެމްބަރު ޤައުމުތަކުގެ ތެރެއިން އެކްސްޓްރެޑައިޓް ކުރުމަށްޓަކައި މުޢާހަދާއެއް އޮތުން ޝަރުތުނުކުރާ ޤައުމަކުން، މުޢާހަދާގައި ކަނޑައަޅާފައިވާ ކުށްތަކަކީ އެކުށްތަކާ ގުޅިގެން އެކްސްޓްރެޑައިޓް ކުރެވިދާނެ ކުށްތަކެއް ކަމުގައި ބަލަން ޖެހެއެވެ.

އެސެޓް ރިކަވަރީ (މުދާ އަނބުރާ ހޯދުން)

މިމުޢާހަދާގައި އެސެޓް ރިކަވަރީ ބަޔާންކޮށްދީފައިވަނީ މުޢަހަދާގެ މުހިންމު އުޞޫލެއްގެ ގޮތުގައެވެ. މިގޮތުން އެސެޓް ރިކަވަރ ކުރުން ނުވަތަ މުދާ އަނބުރާ ހޯދުމުގައިވެސް މުއާހަދާގެ އެންމެހާ ބައިވެރިންގެ މެދުގައި ވަރަށް ފުޅާދާއިރާއެއްގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން ލާޒިމްކުރުވައެވެ. ތަރައްޤީ ވަމުން އަންނަ ޤައުމުތަކުން މިމުޢާހަދާ ބަލައިގަތް އެންމެ މުހިންމު އެއް ސަބަބަކީ ވެސް މުދާ އަނބުރާ ހޯދުމާމެދު މިމުޢާހަދާ ދީފައިވާ އަހައްމިއްޔަތެވެ. މިގޮތުން މިކަމަށް ޚާއްޞަކުރެވިފައިވާ ބާބުގައި މުދާ ޓްރޭސްކުރުން ނުވަތަ  ހޯދުމާބެހޭގޮތުންނާއި މުދާ ހިފެހެއްޓުމާ ބެހޭގޮތުން ވާހަކަދައްކާފައިވެއެވެ. ހަމައެހެންމެ މިމުޢާހަދާއިން ކުށެއްކަމަށް ކަނޑައަޅާފައިވާ ކުށެއްކޮށްގެން ހޯދާފައިވާ މުދާ ނުވަތަ ފައިސާ އެއްތަނުން އަނެއް ތަނަށް ބަދަލުކޮށް ދަތުރުކުރުން ހުއްޓުވައި އެކަމާދެކޮޅަށް މަސައްކަތްކުރާ އަދި މިފަދަ މުދާ ހޯދާނެ ހަރުދަނާ ނިޒާމުތަކެއް އެކަށައަޅައި ހިންގާ އަދި މިފަދަ މުދަލުން ކުރާ މުޢާމަލާތްތަކާބެހޭ މަޢުލޫމާތު އެއްކޮށް އެނެލައިޒްކޮށް ޝައްކުކުރެވޭފަދަ ވިޔަފާރީގެ މުޢާމަލާތްތަކާއި ބެހޭ މަޢުލޫމާތު  ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދީ މިމަސައްކަތްތައް ކުރުމުގައި ޒިންމާދާރުކުރެވޭފަދަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓެއް ޤާއިމްކުރުމާމެދު މެމްބަރު ޤައުމުތަކުން ޚިޔާލުކުރުމަށްވެސް މިމުޢާހަދާ ގޮވާލައެވެ.

ޓެކްނިކަލް އެސިސްޓެންސް އަދި އިންފޮމޭޝަން އެކްސްޗޭންޖް

މިބާބު ޚާއްޞަކުރެވިފައިވަނީ މިމުޢާހަދާގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ކުރުމުގައި މުޢާހަދާގެ ބައިވެރިންގެ މެދުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމަށެވެ. މިގޮތުން ބޭނުންވާ ޓްރޭނިން ދިނުމާއި، އިންސާނީ އަދި މާއްދީ ވަޞީލަތްތައް ތަރައްޤީ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން، ދިރާސާކުރުން އަދި މަޢުލޫމާތު ހިއްސާކުރުން ހިމެނެއެވެ. ޓްރެއިނިން ދާއިރާއިން ފޯރުކޮށްދެވޭ އެހީތެރިކަން ޚާއްޞަގޮތެއްގައި އަމާޒުކުރެވިފައިވަނީ ތަޙުޤީޤުކުރުމުގެ ދާއިރާ، ކޮރަޕްޝަނާ ދެކޮޅު ސްޓްރެޓެޖިކް ސިޔާސަތުތައް ރާވާ ތަރައްޤީ ކުރުން، ޤާނޫނީ ރޮނގުން އެއްބާރުލުން ފޯރުކޮށްދިނުން، ޕަބްލިކް ފައިނޭންޝަލް މެނޭޖްމެންޓް އަދި ޖިނާޢީ މައްސަލަތަކުގައި ހިމެނޭ ގެއްލުންލިބިފައިވާ ފަރާތްތަކާއި ހެކީން ރައްކާތެރިކުރުމުގައި ބޭނުންކުރާނެ ތަފާތު ގޮތްތައް ދެނެގަތުމުގައެވެ. ހަމައެހެންމެ ކޮރަޕްޝަނާ ދެކޮޅު ހަރަދުނާ ރަނަގަޅު ސިޔާސަތުތައް ކަނޑައަޅާ ތަރައްޤީކުރުމަށް ޢަމާޒުކޮށް ކޮރަޕްޝަންގެ ބާވަތްތަކާއި، ކޮރަޕްޝަން އަށަގަންނަ ސަބަބުތަކާއި އަދި ކޮރަޕްޝަން އަށަގަތުމުގެ ނަތީޖާ ދެނެގަތުމުގެ ގޮތުން ތަފާތު ދިރާސާތައް ކުރުމުގައިވެސް ބައިވެރިންގެ މެދުގައި އެއްބާރުލުން ދިނުން ހިމެނެއެވެ.

ޫUNCAC ރިވިއުސަމަރީ

UN ކޮންވެންޝަން އެނގޭސްޓް ކޮރަޕްޝަންއެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×